އޭދަފުށްޓަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ކޮންވެންޝަން ސެންޓަރެއް

އޭދަފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ރައީސް މުއިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ރައީސް މުއިއްޒު މިރޭ ވިދާޅުވީ ކުޅިވަރުގެ ދާއިރާގެ ވަރަށް ގިނަ ކަންކަން އޭދަފުުއްޓަށް ކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް މަލްޓި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރަން ރާއްޖޭގެ ފަސް ރަށެއްގައި ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން އޭދަފުށީގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 1200 މީހުންނަށް ބަލަންވެސް ތިބެވޭނެ[މި ސްޕޯޓްސް ކޮމްޕްލެކްސްގައި]. ޗޭންޖިން ރޫމްތައް ވެސް ހަމަ. ހަމަ ވަރަށް ފުރިހަމަ ސްޓޭޓް އޮފް ދަ އާޓްސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް މިއީ. މިހާރުވެސް ވަރަށް ފުރިހަމަ އިންފްރާސްޓްރަކްޗާ ގާއިމުވެފައި އޮތް ރަށެއް [މިރަށަކީ]. އެކަމަކު އެތައް ގުނައެއް އެތައް ހަރުފަތަކުން އިރާދަކުރެއްވިއްޔާ އާބަން ސެންޓަރެއްގައި ހުންނަން ޖެހޭ ފެންވަރަށް ކުޅިވަރުގެ ފެސިލިޓީތައް އިތުރުވެގެންދާނެ މަޝްރޫއަކަށް ވެގެންދާނެ" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ އަހަރު އޭދަފުށީގައި ކޮންވެންޝަން ސެންޓަރެއްވެސް ގާއިމުކުރުމުގެ މަސައްކަތް ވެސް އޭދަފުށީގައި ފަށާނެ ކަމަށާއި އެއާއެކު ރަށުގެ އިގުތިސާދަށް ވެސް އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އޭދަފުށީގައި މި އަހަރު ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
