ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ބާއްވާ ބޮޑު އެއްވުން މާދަމާ ބާއްވަނީ

އިސްރާއިލުން ޣައްޒާގައި ދިރިއުޅޭ މީހުން ނައްތާލުމަށް ހިންގާ ގަތުލު އާންމާ ދެކޮޅަށް އަޑުއުފުލަށް ބާއްވާ ބޮޑު އެއްވުން މާދަމާ ބާއްވަން ނިންމައިފި އެވެ.
"ގައުމީ ބޮޑު އެއްވުން" ނަމުގައި މާދަމާ ބާއްވާ އެ އެއްވުން ފަށާނީ ހަވީރު 04:30 ގައި މާފަންނު ސްޓޭޑިއަމްއިން ކަމަށް ވެސް އެ ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.
އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނީ ޣައްޒާގެ ހާލަތު މިހާރު އޮތީ އަޅުގަނޑުމެންނަށް ވަޒަންކުރެވޭ ވަރަށް ވުރެ މާ ނިކަމެތި ހާލަތުގައި ކަމަށެވެ.
އެހެންވެ އިސްރާއިލުން ޣައްޒާ ހިސޯރުކުރުން ނިމުމަކަށް ގެނައުމުށް ގޮވާލައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ބާއްވާ އެއްވުމުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވުމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ގޮވާލި އެވެ.
ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މީގެ ކުރިން ބޭއްވި އެއްވުމުގައި ވެސް ވަރަށް ގިނަ ދިވެހީން ބައިވެރިވި އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭއްވި ފަންޑު ރެއިސިން ހަރަކާތްތަކުގައި ގިނަ ދިވެހީން ބައިވެރިވެ ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.
އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުންދާތާ ދެ އަހަރު ވާން ކައިރިވެފައިވާ އިރު ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 މައްޗަށް އަރާފައިވާ އިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ ލައްކައަކަށް ވުރެ މައްޗަށް އަރައިފަ އެވެ
ޣައްޒާ ހިސޯރުކޮށްފައި އޮތްއިރު ޣައްޒާގެ އެތަކެއް ރައްޔިތުންނަކަަށް ކާނެ އެއްޗެއް ވެސް ނުލިބި އެތައް ބަޔަކު ދަނީ ބަނޑަށް ވެސް މަރުވަމުންނެވެ.
