ވަކީލަކަށް ހެދިގެން އުޅުނު ފޭކު މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ވަކީލަކަށް ހެދިގެން އުޅުނު ފޭކު މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ލ. ފޮނަދޫ ހަވޭލި، ފާތުމަތު ތޫބާ އަބްދުﷲ ފޭކު ވަކީލަކަށް ހެދިގެން އުޅޭކަން ހާމަވީ އޭނާއަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދީފައިވާ ފަރާތެއްތޯ ބަލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ބާ ކައުންސިލްއަށް ހުށަހެޅުމުން އެ ކައުންސިލްއިން ބެލި ބެލުމުން ނެވެ.
ބާ ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ތޫބާ ވަކީލަކަށް ހެދިގެން އުޅުނީ ސުޕްރީމް ކޯޓުން ރިޓަޔާކޮށްފަައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަންއިން ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިކަމަށް ބުނާ ލިޔުމެއް ފޯޖުކޮށްގެން ކަމަށެވެ.
އެހެންވެ އެ މައްސަލަ ބާ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބާ ކައުންސިލްއިން ބުންޏެވެ.
ބާ ކައުންސިލްއިން ބުނީ 2019 ވަނަ އަހަރު ވުޖޫދުވި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ފަހު ވަކީލުކަމުގެ ހުއްދަ ދޫކުރާ ހަމައެކަނި އިދާރާއަކީ ބާ ކައުންސިލް ކަމަށެވެ. އެހެންވެ ހުއްދަ ދީފައިވާ ގާނޫނީ ވަކީލެއްތޯ ބެލުމަށް ބާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަކީލުންގެ ދަފްތަރު ބެލުމަށް ބާ ކައުންސިލްއުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށް ދެއްކުމަށްޓަކައި ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތާއި ގާނޫނީ ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ.
