"މުސްލިމުން ބައިބައިވެ ނިކަމެތިވި ސަބަބަކީ އިސްލާމީ ޝަރީޢަތާއި ބީރައްޓެހިވުން"

މުސްލިމުން ބައިބައިވެ، ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވެފައިވަނީ އިސްލާމީ ތަޢުލީމާ ދުރުވެ، އިސްލާމީ ޝަރީޢަތާ ބީރައްޓެހިވުމުންކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ރަނގަޅު މުޖުތަމަޢެއް ބިނާކުރުން" މި މައުޟޫއެވެ.
ޚުތުބާގައި ވިދާޅުވީ، މުސްލިމުން ބައިބައިވެ ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ޝަރީޢަތާ ބީރައްޓެހިވުންކަމަށާއި، އުންމަތުގެ ޢިއްޒަތާއި ޤަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އަނބުރާ ރުޖޫޢަވުމުންކަމަށެވެ.
މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުޞަތަކީ، މުސްލިމު ޒުވާނުން، އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުޞަތުކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އެންމެންގެ ޢަމަލުތައް ބައްޓަންކުރުމަކީ، އުންމަތުގެ މުސްތަޤްބަލު އުޖާލާ ވާނެކަމެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި އެކަން ކުރެވޭނީ އަދުގެ ޅަޖީލުތަކަށް އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ކިޔައިދީގެންކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.
އަދުގެ މުޖުތަމަޢުގައި އިސްލާމީ ޝަރީޢަތުގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ވިސްނެނީ އެއީ، ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމުކުރުމާއި، މީހެއްގެ ލޭ އޮހޮރުވައިލައިފި މީހާގެ ކިބައިން ޤިޞާޞްހިފުން ކަމުގައެވެ. ނަމަވެސް ހަޤީގަތަކީ، އިސްލާމީ ޝަރީޢަތުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން އެ މުޖުތަމަޢަކަށް ލިބުމުންކަމަށާއި އިސްލާމީ އުންމަތުގެ މާޒީ މިކަމަށް ހެކިދޭ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
"އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެ ނޫން) މަގުމަގަށް ތިޔަބައިމީހުން تبعނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ، އެކި ސަބަބުތަކާހުރެ އިސްލާމްދީނާ ފެޔަށްޖެހޭ މީހުން، އެފަދަ ކަންކަމާމެދު މާޔޫސްވުމުގެ ބަދަލުގައި ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، އެމީހުންނަށް ހެޔޮމަަގަށް މަގުދައްކައިދިނުމަކީ ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށްޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެއްކަމަށެވެ.
ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ޢަމަލުކޮށްގެންކަމަށެވެ.
