ޚަބަރު

ޔާމީނަކީ ހަސަދަވެރިއެއް، ރައީސް މުއިއްޒު އަނިޔާއެއް ނުދޭނެ: ގާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގދ. ކާޑެއްދޫ އެއާޕޯޓުގެ ކަންކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް، ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

Ads by STELCO

ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި "ވޭކްއަޕް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް "ތަރިކަ މުދާގަނޑެއް ގޮތަށް ލިޔުއްވައިފައި" އޮންނަ ތަނެއް ކަމަށެވެ. އަދި އެ އެއާޕޯޓު ހިންގަން އުޅެއުޅެ ނުހިންގިގެން ސަރުކާރުން އެންމެފަހުން އެތަނާއި ހަވާލުވާން ޖެހިފައިވާ ކަމަށާއި އެކަން ސަރުކާރުން ކުރަނީ ދައުލަތަށް ގާސިމް ދައްކަންޖެހޭ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކޮށްފައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލައި، އެ ކުންފުންޏަށް ބަދަލެއްގެ ގޮތުން 18 މިލިއަން ޑޮލަރު ދިނުމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ވައުދުވެވަޑައިގަތް ކަމަށާއި އަދި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ވައުދު ތަކުރާރު ކުރެއްވި ކަމަށެވެ. އަދި ތައިލޭންޑުގެ ކުންފުންޏަކުން ތިނަދޫ ފަޅުތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅޭނެ ކަމަށް ޕްރޮޕޯސަލް ފޮނުވުމުން އެކަންވެސް ވޭތޯ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށާއި ވިލާއިން މަޑުކުރީ ސަރުކާރުން ބޭނުންވާ ގޮތަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ދެ މެންބަރުން ވެސް ކާޑެއްދޫ އެއާޕޯޓް އަތުލަން ސަރުކާރަށް ގޮވަމުންދާތީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަން ކުރާ ޕްލޭން ވިލާއިން މަޑު ޖައްސާލި ނަމަވެސް އެތަނަށް ބޭނުންވާ މަރާމާތާއި ހިންގުމުގެ ހަރަދު ދިޔައީ ހުއްޓުމެއް ނެތި ކުރަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް 7 އަހަރުތެެރޭ ބަދަލުކުރުމުން އެގްރީމެންޓުގައި އޮތް 50 އަހަރުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް އެއްބަސްވެފައިވާތީ، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމުގެ އެންމެ ފަހު މަރުހަލާގައި އޮތްވާ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވީހާވެސް އަވަހަށް ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ސަރުކާރުން ބޭނުންވާކަން ވިލާއަށް އެންގި ކަމަށެވެ.

އެހެންކަމުން ވިލާއިން އެ އެއާޕޯޓަށް ކޮށްފައިވާ އިންވެސްޓުމެންޓުތަކާއި ތަރައްގީގެ ޕްލޭންތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވިފައިވާ ހަރަދު ފަދަ ކަންކަމަށް ރިއާޔަތްކޮށް "އާނެސްޓް އެންޑް ޔަންގް" އޮޑިޓް ފާމް މެދުވެރިކޮށް އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ޕްރޮޖެކްޓު ވެލިޔުއޭޝަން ހެދުމަށްފަހު އެއާޕޯޓް ސަރުކާރާ ހަވާލުކުރުމަށް ވިލާއިން ހުށަހެޅި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ރައީސް ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާހިފައި އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ މަރުހަލާގެ ތެރެއިން އެއްބަސްވެވޭ ބަދަލެއް ދިނުމަށްފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެ ގޮތަކަށް އަމަލުކުރެއްވުމެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވިލާއަށް ނުހައްގު ބަދަލެއް ދެނީ ކަމުގައި ބުނެ އާންމު އުސޫލުން މިކަމުގެ ހަގީގަތް ވެސް ޔާމީން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި ޔާމީނަކީ ޒާތީ ހަސަދަވެރިއެއް ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވެރިކަމަށް އާދެވުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

މިއީ ރައްޔިތުންގެ ކުރިމަތީގައި ވިލާ ކުންފުންޏާއި އަދި އޭނާގެ މަސައްކަތްތަކުގެ އަގުވައްޓާލަން ޔާމީން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި ޔާމީން އެފަދަ ކަންތައްތައް ކުރައްވާތާ ކިތަންމެ ދުވަހެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޔާމީނަކީ މީހެއްގެ މައްޗަށް އެއްވެސް ސަބަބަކާއި ހުރެ ނުރުހިއްޖެނަމަ އެމީހަކާ މެދު ކޮންމެފަދަ ކަމެއްވެސް ހިންގަފާނެ މީހެއްކަން ވެރިކަމުގައި ހުންނެވި މުއްދަތުގައި ސާބިތުކޮށްދީފައިވާ ބޭފުޅެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

Ads by Allied Insurance