ކަނބުލޮގެ ފިލްމުގައި ހިނގާ ކަންތައްތައް އައްޒަ ވަނީ ކުޑައިރު ތަހައްމަލްކޮށްފައި

"މި ފިލްމުގައި ވެފައި ހުރި ބައެއް ކަންކަން އައްޒަ އަމިއްލަ ލައިފްގައި ވެސް އެކްސްޕީރިއަންސް ކުރިން." މިއީ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަ ކަނބޮލު ފިލްމުގެ މޭކިންގައި އައްޒަ ބުނި ވާހަކަ ކޮޅެކެވެ.
މި ވާހަހަކޮޅު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ފިލްމުގެ ޓްރައިލާއިން ދައްކައިދޭ މަންޒަރު ތަކުންނެވެ. އަންނަ އޮގަސްޓް 31، ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުން ޝިކާރައަކަށްވާ ޒުވާން އަންހެން ކުއްޖަކު އެޅި ވޭނާއި ކެކުޅުން އަދި އެކަމުން އަރައިގަންނަން ކުރި ހިތްވަރު ދައްކުވައިދެ އެވެ.
މޭކިންގައި އައްޒަ ބުނެފައިވަނީ "މި ފިލްމަކީ ކުޑަ ކުއްޖެއްގެ ލައިފްގައި ވާން ނުޖެހޭ އެތައް ކަމެއް، އެތައް ގޮތަކަށްވަ ފިލްމެއް. މި ފިލްމަކީ އައްޒައަށް ވަރަށް ކްލޯސް ޓު ހާޓް ފިލްމެއް." މިހެންނެވެ.
"އެހެންވީމަ އެވަރު ކަމަކުން އައްޒައަށް މިހާރުވަރު ވާއިރު، އައްޒަ ހިތަށް އަރަނީ އަސްލު އެކަހަލަ ކަންކަން ގޯ ތުރޫ ކުރާ ކުއްޖަކަށް ހަމަ ވަރަށް ވަރުވާނޭ،"
އައްޒަ ބުނީ މިފަދަ ރޯލެއް ލިބުމުން މިހާތަނަށް ނުދޭވަރުގެ އެފޯޓެއް މި ފިލްމަށް ދީފައިވާނެ ކަމަށެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7458800 އެވެ.
ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ އަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ކަނބުލޮ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދު އެވެ.
