ޚަބަރު

މީޑިއާ ކޮމިޝަންގެ ރައީސް އަޅުގަނޑު ނުހޮވާ ގޮތަށް ބަދަލުކުރަން އެދޭނަން: ރައީސް މުއިއްޒު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މީޑިއާތަކާއެކު މީޑިއާ ފެންޑާގައި

މީޑިއާތަކުގެ މައްސަލަ ބަލަން ހަދާ އާ ކޮމިޝަންގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ނުހޮވާ ގޮތަށް ބަދަލުކުރަން އެދިވަޑައިގަންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން  އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކޮށްގެން އައްޔަނުކުރާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރު މެމްބަރު ކަމަށް ބިލުގައި ބުނެފައި އެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައި ވެއެވެ؛

ނަމަވެސް ހދ. ނޮޅިވަރަންފަރުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ބިލުގައި ކޮމިޝަންގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެގޮތަށް އެ ބިލު ފާސް ނުކުރައްވާނެ ކަމަށާއި އަދި އެކަން މެމްބަރުންނަށް ވެސް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ބިލު އިސްލާހުކުރާ މަރުހަލާގައި ކޮމިޝަންގެ ރައީސްއަކީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓު ލައިގެން ހޮވާ މީހަކަށް ހަދަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަނީ މީޑިއާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މިީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް" ރައީސް ވިދާޅުވި އެވެ.

އަދި އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑީއާ ރެގިއުލޭޓްކުރެވޭ ގޮތަށް ބިލުގައި އޮންނަން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Ooredoo