ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރުން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އާއިޝަތު އަލީނާ ، ދެން އޮންލައިން
Majilis
މަޖިލިސް ތަޅުމުގައި މެމްބަރުން / ފޮޓޯ:ދެން އިމޭޖްސް

ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމުތަކަށް މެންބަރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by MPL

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން، މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.

މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަންޖެހެއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއްވަނީ އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތަކެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވާ 3 މެންބަރުންގެ މަޤާމަށް 6 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ %75 އަށްވުރެ މަތިން މާކްސް ދީފައިވަނީ 3 ބޭފުޅަކަށެވެ. އެއީ މ. ވައިޓްބެލް، ޑރ. ދީބާ މޫސާ، ދަފްތަރު ނަންބަރު: 1325، ޑރ. ހުސައިން ފާއިޒު އަދި މ. ފަލްކަން، މުޙައްމަދު ނާސިހުއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ދީފައިވާ ތިން މެންބަރުންވެސް ސީއެސްސީއަށް އައްޔަން ކުރައްވަން ފެންނަ ކަމަށެވެ. އެގޮތުން ޑރ. ދީބާ މޫސާ އައްޔަން ކުރެއްވުމަށް 60 މެންބަރުން ވޯޓު ދެއްވާފައިވާއިރު ޑރ. ހުސައިން ފާއިޒު އައްޔަން ކުރެއްވުމަށް 54 މެންބަރުން އަދި މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށް 52 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އެ ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

މިހާރު އެ ކޮމިޝަނުގައި ތިއްބަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފާއި ފާތިމަތު ހަބީބާއެވެ.

Ads by HDC