އަމިއްލަ ސްކޫލުތަކުގެ ދަރިވަރުންގެ ފީ ދައްކައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫން: އެޑިއުކޭޝަން މިނިސްޓަރު

އަމިއްލަ ސްކޫލުތަކުގެ ދަރިވަރުންގެ ފީ ދައްކައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ކުރިން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ ހައި ސްކޫލުގައި އޭ ލަވަލްއަށް ކިޔަވާ ދަރިވަރުންގެ ފީ ދައުލަތުން ދައްކައިދެމުން ދިޔަ ނަމަވެސް އަމިއްލަ ސްކޫލުތަކުގެ ދަރިވަރުންގެ ފީ ދައްކައިދިނުން ހުއްޓާލަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ފާޑުކިއުންތައް ސަރުކާރަށް އަމާޒުވެފައިވާ އިރު އެ ނިންމުން ދިފާއުކުރައްވައި މިނިސްޓަރު ޝަފީއު ފޭސްބުކުގައި ވިދާޅުވީ ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާނަމަ ގްރޭޑް އެކަކުން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށްވެސް ދައުލަތުން ފީ ދައްކައިދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އޭގެ ނަތީޖާއަކަށް ވާނީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީދައްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީ ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަގާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިއާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީދޭ. ރާއްޖޭގައި އެފަދަ ހާލަތެއް ނެތް. އެއް ދީނެއް. އެއް ސަގާފަތެއް. ކިޔަވައިދެނީ އެއް ކަރިކުލަމަކަށް، ކުދިން ހަދާނީ އެއް އިމްތިހާނެއް. އަމީނިއްޔާ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮންގް ގައިވެސް ހަދާނީ. ވ. އަތޮޅު ތައުލީމީ މަރުކަޒު ދަރިވަރުންހަދާ އިމްތިހާނު ގިޔާސުއްދީން ދަރިވަރުންވެސް ހަދާނީ. ބައެއް ސްކޫލް އިންޓަރނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީވެސް އިންޓަރނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތަކެވެ." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.