ޚަބަރު

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން އެކުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި--

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން އެކުގައި މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް އެފަދައިން ގޮވާލެއްވީ އެމަނިކުފާނު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައި ކަމަށެވެ.

އަދި ހަމައެހެންމެ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުއިންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ބައިނަލްއަގުވާމީ އެއްބާރުލުމާއި، ތަރައްގީއާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ހުށަހަޅުއްވާފައިވާ ބައިނަލްއަގުވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވާނަންސް އިނީޝިއެޓިވް (ޖީސީއައި) ތައާރަފު ކޮށްދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.

އަދި ގްލޯބަލް ގަވާނަންސް އިނީޝިއޭޓިވަށް ރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަގުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.