ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތް އެޅުމަަށް އިސްލާމިކް މިނިސްޓްރީއާ މިއަދު ބިން ހަވާލުކޮށްފިއެވެ.
މިއަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އެޗްޑީސީން ބިން ހަވާލުކުރީ ހުޅުމާލެ ލޮޓް ނަމްބަރު 22221 އަދި ހުޅުމާލެ ލޮޓް ނަމްބަރު 22242ގައި މިސްކިތް އެޅުމަށެވެ.
އެގޮތުން ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅަން ނިންމާފައި ވަނީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ ބިމުގެ ސައިޒަކީ 27920ސްކޮއާފޫޓެވެ. އަދި ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އަޅަން ނިންމާފައި ވަނީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ ބިމުގެ ސައިޒަކީ 20720 ސްކޮއާފޫޓެވެ.
އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.
