މަޖިލީހުގެ މެމްބަރުންނަށް ލިބުނު ހަދިޔާއަކީ ރިޝްވަތު: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބުނު ހަދިޔާ ވާނީ ރިޝްވަތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ބައެއްް މެންބަރުންނަށް އަހަރު ދުވަހުގެ ތެރޭގައި ހަދިޔާ ގޮތުގައި މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ވަނީ ހާމަވެގެން ގޮސްފަ އެވެ. ހަދިޔާގެ ގޮތުގައި، ފައިސާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައި ޖަހާފައި ވިޔަސް، ދެއްވި ފަރާތުގެ ތަފްސީލްތައް އެނގޭނެހެން ހާމަކޮށްފައެއް ނުވެ އެވެ.
އަދި ބައެއް މެންބަރުންނަށް ހިލޭ ރޯ ހައުސްއާއި ފްލެޓް ވެސް ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ހާމަވެ އެވެ. ނަމަވެސް ބައެއް މެންބަރުންގެ ބޭކް އެކައުންޓްތަކަށް ބަލާއިރު، ލިބިފައިވާ އާމްދަނީއާ އެކަށީގެންވާ އަދަދަށް އެކައުންޓްތަކުގައި ފައިސާ ނެތްކަން ފާހަގަކޮށްލެވެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތު އުފުލާ މަގާމެއްގައި ހުންނަ މީހަކަށް ލިބޭ ހަދިޔާ ރިޝްވަތު ނޫން އެއްޗަކަށް ނުވާނެ ކަމަށާއި ރިޝްވަތާ ބެހޭ ގާނޫނަށް ބަލައިފިނަމަ ހަދިޔާ ވާނީ ރިޝްވަތަށް ކަމަށެވެ. އަދި ފުލުހުންނަށް ވެސް އަމިއްލަ އަށް އިސްނަގައިގެން މިފަދަ މައްސަލަތައް ބެލޭނެ ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ކަރާމާތް އޮންނާނީ މަޖިލީހުގެ ތަޅުމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މާލީ ބަޔާންތަކާއެކު ރައްޔިތުންގެ ކުރިމަތީގައި މެމްބަރުން ފަޟީހަތް ވެފައިވާ ކަމަށާއި ނަޒާހަތްތެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަމަށެވެ. އެގޮތުން މެމްބަރުން މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއް ވެސް ފޮރުވަން ކަމަށާއި މަޖިލިސް މެމްބަރުންނަކީ އިންތިހާއަށް ކޮރަޕްޓު ވެފައި ތިބި ބައެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން މަޖިލީހުގެ މެމްބަރުން ހުށަހަޅަންޖެހޭނީ އޮޑިޓްކޮށްފައި އޮންނަ މާލީ ބަޔާނެއް ކަމަށާއި މެމްބަރުން އަމިއްލަ އަށް މާލީ ބަޔާން ތައްޔާރުކުރުމުން ހިސާބު ދެކޮޅު ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.