ޚަބަރު

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކާށިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް..

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

ކާށިދޫގެ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އޭޕްރީލް މަހުވެސް ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ޕްރޮޕޯސަލެއް ލިބުނުކަމެއް ސާފެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާށިދޫގެ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިއުލާންގައި ބުނެފައިވާ ގޮތުން ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ބޭނުންވަނީ ކާށިދޫ ފަޅުގައި ހިމެނޭ "73°26'57.14"E 4°58'5.86"N" ސަރަހައްދުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ނެވެ.

މާލެ އަތޮޅުގެ ގިނަ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރި އަރާފައި އޮތް ނަމަވެސް ކާށިދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއް ނޫނެވެ. އެ ރަށުގައި މި ވަގުތު ހުރީވެސް މަދު ގެސްޓު ހައުސްއެކެވެ.

ކާށިދޫ އޮންނަނީ ވެސް މާލެ އަތޮޅުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ވަކިން މާ ދުރުގައި ކަމަށްވާތީ އެ ރަށަށް ދަތުރުކުރަން ވެސް ގިނަ ވަގުތުތަކެއް ހޭދަވެ އެވެ.

Ads by Ooredoo