މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވާން ޔޫކޭއިން ޝައުގުވެރިކަން ފާޅުކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރަން އެހީތެރިވާން އިނގިރޭސިވިލާތުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެ ކަމުގެ ޝައުގުވެރިކަން ފާޅުކުރީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ، މިއަދު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.
އެ ޒިޔާރަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ މަޝްވަރާގެ ތެރޭގައި، ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ ވަނީ ޔޫކޭ ސަރުކާރުން އިސްކަންދޭ ކަންތައްތައް ފާހަގަކުރައްވާފައެވެ.
އެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށް ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި ވުމަށް ހައި ކޮމިޝަނަރު ޝައުގުވެރިކަން ފާޅުކުރި އެވެ.
އަދި އެކަމާ ގުޅިގެން މިހާރު ގާއިމުކޮށްފައިވާ ވޯކިން ގްރޫޕުގެ މުހިންމުކަންވެސް ހައި ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ދެފަރާތުން އެކުގައި މަސައްކަތް ކުރެވިދާނެ މައިގަނޑު ދާއިރާތަކާ ބެހޭގޮތުން ވެސް ތަފްސީލީ މަޝްވަރާތަކެއް ކުރިއެވެ.
އޭގެ ތެރޭގައި:
- ފްރީޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ފުރުސަތުތައް ހޯދުން
- ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކުރުން
- ޔޫކޭއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމަށް މަގުފަހިކުރުން
- ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވޯކްޝޮޕް، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތައް
އެ މަޝްވަރާތަކުން ރާއްޖެއާއި ޔޫކޭއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތަނުގައި ގިނަ ދާއިރާތަކަކުން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.