ރެކޯޑް އަދަދެއްގެ ހާފިޒުންނާއެކު މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް ފަށައިފި

ރެކޯޑް އަދަދެއްގެ ހާފިޒުންނާއެކު ކީރިތި ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މިރޭ ފަށައިފި އެވެ.
އެ މުބާރާތް ފެށީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސް ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ނެވެ.
"މިއަހަރުގެ މުބާރާތުގެ ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ވާދަކުރާއިރު މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރަތާއި ބަލާއިރު ބޮޑު ކުރިއެރުމެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި ހާފިޒުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ހާފިޒުންނެވެ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މުބާރާތުގެ ހާފިޒުންގެ ގޮފީގައި ވާދަކުރާ ހާފިޒުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ހާފިޒުން އުފެއްދުމާއި ހާފިޒުންގެ އަގުވަޒަން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ގޮތުން މިހާރު ހާފިޒުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ފަށައިފަ އެވެ.