ވާވުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި

ވ.ރަކީދޫގައި ގާއިމުކުރި ޕޮލިސް ޑެސްކް، ރަސްމީކޮށް މިއަދު ހުޅުވުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިއްޖެއެވެ.
ރަކީދޫގައި ފުލުހުންގެ ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރަކީދޫ ޕޮލިސް ޑެސްކް ހުޅުވައިދެއްވީ މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީންއާއި، އެ ރަށު ކައުންސިލު ރައީސް ޢަބްދުﷲ ރަޝީދެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ރަކީދޫ ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަކީދޫގައި ހުޅުވި ޕޮލިސް ޑެސްކާއެކު ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިފައެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމެވެ.