ވަގަށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނެއްހާ ސިނގިރެޓް އަތުލައިގެންފި

ވަގަށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނެއްހާ ސިނގިރެޓް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.
އެގޮތުން 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގަތް ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ެެއެ ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އެ މައްސަލަ މިހާރު ކަސްޓަމްސްއިން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
އެެ ތަކެތި އެތެރެކުރި ފަރާތް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ނިމިގެން ދިޔަ އަހަރު ގެނައި އިސްލާހުތަކާ އެކު ސިނގިރެޓުން ޑިއުޓީ ނަގާ އަދަދު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އެއާއެކު ވަގަށް އެތެރެކުރާ ސިނގިރެޓްގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ހޯކްސް ޕްރައިވެޑް ލިމިޓެޑްގެ އެޖެންޓުގެ ދަށުން ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން 1.69 މިލިއަން ރުފިޔާގެ ސިނގިރެޓް ވަގަށް އެތެރެކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.