ޚަބަރު

ޓޫރިޒަމްގެ ފައިދާ އެންމެންނަށް ލިބެން ޖެހޭ: ތޯރިގް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، އެކަމުގެ ފައިދާ އެންމެންނަށް ލިބޭކަން ކަށަވަރުވާ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަރާ 'ވޯލްޑް ޓޫރިޒަމް ޑޭ' އާ ގުޅުވައިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަކީ ގެއްލުންތައް ކުޑަ، އަދި ލިބޭ ގެއްލުންތަކަށް އަވަހަށް އަރައިގަންނަ، ދެމެހެއްޓެނިވި ދާއިރާއަކަށް ވެސް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ޓޫރިޒަމް ދާއިރާ އަކީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅުފައި އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވެ މިއީ ދެމެހެއްޓެނިވި ކަމަކަށް ހެދުން ވަރަށް މުހިއްމު."

މި އަހަރުގެ ވޯލްޑް ޓޫރިޒަމް ޑޭގެ ޝިއާރަ އަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. އަދި މިހާރު ރާއްޖެ ހިމެނެނީ އެ ދާއިރާ އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންޒިލުގެ ތެރޭގަ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ސަފާރީތައް އޮޕަރޭޓް ކުރަމުން އަންނަ އިރު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް އަބަދު ވެސް ކުރެވެ އެވެ.

Ads by Ooredoo