ޚަބަރު

ހުކުރު ދުވަހުގެ މުޒާހަރާ ވަކި ޕާޓީއެއްގެ ކަމެއް ގޮތުގައި ނުދެކި އެންމެން ނުކުމޭ: ނަޝީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އަންނަ ހުކުރު ދުވަހު އިދިކޮޅުން ބާއްވާ ބޮޑު މުޒާހަރާއަކީ ވަކި ޕާޓީއަކުން ކުރާކަމެއް ނޫން ކަމަށާއި އެ މުޒާހަރާއަށް ހުރިހާ ރައްޔިތުން ވެސް ނުކުންންނަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރުގައި ބޮޑު މުޒާހަރާ ބާއްވަން ދަނީ ބޮޑެތި ތައްޔާރުވަމުން ނެވެ. އަދި އެކަމުގައި އެމްޑީޕީން އިސްވެ އޮތްއިރު މުޒާހަރާ އިޝްތިހާރުކުރަން މާލޭގައި ދެމި ބެނާތައްވެސް ހުރީ ރީނދޫކުލައިގަ އެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ އޮކްޓޫބަރު 3ގެ މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ ކަމަށެވެ.

"އެއީ ކޮރަޕްޝަންއާ ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް" ނަޝީދު ވިދާޅުވި އެވެ.

މުޒާހަރާ ބާއްވަން ބެނާތަކެއް ވެސް ދެމި ނަމަވެސް ފަހުން އެ ބޭނާތައް ވަނީ ނަގައިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވި އެވެ.

އެމްޑީޕީން ބޮޑު އެއްވުމެއް އަންނަ މަހު ބާއްވަނީ އެފަދަ އެއްވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

އެ އެއްވުމަށް އަތޮޅުތަކުން ވެސް މީހުން މާލެ ގެންނަން އެމްޑީޕީން ދަނީ މަސައްކަތް ކުރަމުން ނެވެ.

Ads by Ooredoo