ބުރިޖުގެ ލައިޓުތައް ނުދިއްލޭތީ ސަމާލުވާން އިލްތިމާސްކޮށްފި

ސިނަމާލެ ބުރިޖުގެ ލައިޓުތައް ނުދިއްލޭތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ފުލުހުންގެ ހިދުމަތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބުރިޖާ ގުޅިފައިވާ މަގުތަކާއި ސިނަމާލެ ބުރިޖުގެ ލައިޓުތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
ހަމަ އެހެންމެ ބައެއް ވަގުތުތަކުގައި ވިއްސާރަވެސް ވެހެމުންދާތީ ބުރިޖުން ދަތުރުކުރަމުންދާ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ ވެ އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ލައިޓް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ލައިޓުތަކަށް މައްސަލަ ދިމާވި ސަބަބެއް ސީދާ ފުލުހުން ހާމައެއް ނުކުރެ އެވެ.
