ލައިފްސްޓައިލް

އަންހެން ކުދިން ހިތް ކިޔާނެ ފަދަ ރީތި ދިގު ތުނބުޅިއެެއް ބޭނުމިއްޔާ މިކަންކަން ކޮށްލަބަލަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރީތި ދިގު ތުނބުޅިއެއް ހުރުމަކީ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއްކަމަށް ގިނަ މީހުން އެއްބަސް ވެއެވެ. ތުނބުޅި ރަނގަޅަށް ނުފަޅައި، ނުވަތަ އަބަދު ޝޭވްކޮށް މޫނުމަތި "ކުކުޅުބިހެއްގެ ތޮށިގަނޑު" ފަދައިން ހަދައިފައި ހުންނަ ފިރިހެނުން ގިނަ އަންހެނުންނަށް ކަމަކު ވެސް ނުދެއެވެ.

Ads by MWSC

ބައެއް ފިރިހެނުން،ޖެނެޓިކްސް ނުވަތަ އާއިލީ ހޯމޯންސް ގެ ސަބަބުން ވެސް ރަނގަޅަށް ތުނބުޅި ނުފަޅައި ހުރެއެވެ. ޖެނެޓިކަލް ކަންތައްތަކާ މެދު ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ނަމަވެސް ރަނގަޅަށް ތުނބުޅި ފަޅާ މީހުން، ތަންކޮޅެއް އަވަހަށް ތުނބުޅި ދިގުކުރަން ބޭނުން ނަމަ، މިކަންކަން ކުރެވިދާނެއެވެ.

▪︎ އެވަރަށް ތުނބުޅި ޝޭވް/ޓްރިމް ނުކުރޭ

ރީތި ތުނބުޅިއެއް ބޭނުން ނަމަ، މާގިނައިން ތުނބުޅި ޓްރިމް ކުރުމާއި ޝޭވް ކުރުން ރަނގަޅެއް ނޫނެވެ. ތުނބުޅި ދިގު ކުރުމަކީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ތުނބުޅި އެއްވެސް ވަރަކަށް ޝޭވް ވެސް ޓްރިމް ވެސް ނުކޮށް ހަތަރު ހަފްތާވަރު ބަހައްޓާލާށެވެ. ކޮންމެ ދުވަހަކުވެސް ތުނބުޅީގައި ފުނާ އަޅާ ރީތިކޮށް ބަހައްޓަން ވާނެއެވެ.

▪︎ ޝޭމްޕޫ ލައިގެން ތުނބުޅި ދޮވެ ކޮންޑިޝަން ކުރުން

ބޮލުގެ އިސްތަށިގަނޑެކޭ އެއްފަދައިން ތުނބުޅި ވެސް ދޮވެ ސާފުކޮށް ބަހައްޓަން ޖެހޭ އެއްޗެކެވެ. މޫނުގައި ހުންނަ އިސްތަށިތަކާއި ތުނބުޅި މަދުވެގެން ކޮންމެ ހަފްތާއަކު ދެފަހަރު ދޮވުމުން އަވަހަށް ތުނބުޅި ފަޅާ ދިގުވުމަށް އެހީތެރިވެދެއެވެ. ކުޑަ ޝޭމްޕޫކޮޅަކުން ތުނބުޅި ދޮވުމަށްފަހު ކުޑަ ކޮންޑިޝަނަރކޮޅެއް ވެސް ބޭނުން ކުރުން ބުއްދިވެރިއެވެ.

▪︎ ޒައިތޫނި ތެލުން މޫނު މަސާޖު ކުރުން

މޫނު މަސާޖު ކުރުމުން ވެސް އަވަހަށް ތުނބުޅި ދިގުވެއެވެ. ރަނގަޅަށް މަސާޖު ކުރުމުން، މޫނުމަތީގައި ހުންނަ އިސްތަށިތަކަށް ފަސޭހައިން ލޭދައުރުވެއެވެ. މިއީ އިސްތަށިތައް އަވަހަށް ދިގުވުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް މިކަމަށް ޓަކައި ޚާއްސަ ތެލެއް ބޭނުން ކުރަން ޖެހެއެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ، ކުޑަ ޒައިތޫނި ތެޔޮ ފޮދެއް ހޫނުކޮށްލުމަށް ފަހު، ކުޑަކޮށް ހިހޫ ވުމުން އެތެލުން މޫނު މަސާޖު ކޮށްލުމެވެ.

▪︎ ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީ ސިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ކަސްރަތު ކުރުމުން ތުނބުޅި ވެސް ދިގުވާނެކަން އެނގެނީ ކިތައްމީހުންނަށް ހެއްޔެވެ؟ ކުރިން ވެސް ބުނި ފަދައިން، ހަށިގަނޑުގައި ގިނައިން ލޭ ދައުރުވުމަކީ އަވަހަށް އިސްތަށިފަޅާ ކަމެކެވެ. ކަސްރަތު ކުރުމުން ވަރަށް ބޮޑަށް ލޭދައުރު ވާނެއެވެ. އެހެންކަމުން ތުނބުޅި އަވަހަށް ދިގުވާން އެހީތެރިވެދެއެވެ.

▪︎ ފިކުރު ކުރުމުން ދުރުހެލިވުން

އާއްމުގޮތެއްގައި އެންމެ ގިނައިން ކަންކަމާ ފިކުރުކުރާ ކަމަށް ނަން ވަނީ އަންހެނުންނެވެ. ނަމަވެސް ފިރިހެނުންނަކީ ވެސް ކަންކަމާއި ފިކުރު ކުރާ ބައެކެވެ. އަދި އެކަމުގެ ސަބަބުން ފިރިހެނުންނަށް ވެސް ގިނަގުނަ ސިއްޙީ މައްސަލަތަކެއް ދިމާވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރަނގަޅަށް ތުނބުޅި ނުފެޅުމެވެ. އަދި ތުނބުޅި ހުރި ނަމަވެސް، ފަސޭހައިން ދިގު ނުވުމެވެ. މާބޮޑަށް ފިކުރު ކުރުމުން ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ކޯޓިސޮލް ހޯމޯން އިތުރުވެ، ތުނބުޅީގެ އިސްތަށިތައް ފަޅަން ނުވަތަ ދިގުވާން ހުރަހަކަށް ވެއެވެ. އަދި މީގެ އިތުރުން މޫނުމަތީގެ އިސްތަށިތަކަށް ލިބެންޖެހޭ އެހެނިހެން ފައިދާހުރި މާއްދާތައް ވެސް، މާބޮޑަށް ފިކުރު ކުރުމުގެ ސަބަބުން ނުލިބިދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!