ދިވެހި ފުޓުބޯޅަ ކުރިއަރުވަން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން: ރައީސް

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ހުދު އެމަނިކުފާނުވެސް އެންމެ ޝައުގުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކުޅިވަރުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ވެސް އެހީތެރިކަން ސަރުކާރުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަދި ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ އަހައްމިޔަތުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކައްތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަސީލަތާއި ބިނާރު ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް، ސައުތު އޭޝިއަން ސުޕަ ކަޕް 2025، ކާމިޔާބުކުރިކަން ފާހަގަކުރައްވައި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވަނީ، ގައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވައި، އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.