ޚަބަރު

މިދިޔަ މަހު ވޭޕްގެ މައްސަލަތަކުގައި ދޮޅުލައްކައެއްހާ ރުފިޔާއިން ޖޫރިމަނާކުރި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިއަދު ހަވީރު މާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން / ފޮޓޯ:ފުލުހުން

މިދިޔަ މަހު ވޭޕްގެ މައްސަލަތަކުގައި ކުރި ޖޫރިމަނާގެ އަދަދު ދޮޅުލައްކައެއްހާ ރުފިޔާއަށް އަރައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ވޭޕްއާ ގުޅޭ 13 މައްސަލައަކަށް ފުލުހުން އެޓެންޑްވެފައި ވެއެވެ.

އެގޮތުން 24 މީހަކު ޖޫރިމަނާކޮށް އެ މައްސަލަތަކުގައި ޖުމްލަ 136،500 ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ.

ވޭޕްއާ ގުޅޭ މައްސަލަތަކުގައި އެންމެ ގިނައިން ޖޫރިމަނާކުރީ ވޭޕް ބޭނުންކުރި މައްސަލަތަކުގަ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި 95،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު ވޭޕްއާ ގުޅޭ ތަކެތި ފެނިގެން 41،000 ރުފިޔާއިން ވެސް ޖޫރިމަނާކޮށްފައި ވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާހުގެނެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވެއެވެ. މި ޤާނޫނުގެ ދަށުން ވޭޕް އެތެރެކުރާ، ބޭނުންކުރާ އަދި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅެމުން ދާކަމަށް ފުލުހުން ބުނެއެވެ.

އައު ޤާނޫނުގެ ދަށުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ހާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ އާންމު ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. މިއީ ކުޑަކުދިން ވޭޕުން ރައްކާތެރިކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅެކެވެ.

 

 

 

 

Ads by HDC