ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 124 މިލިއަން އަނބުރާ ހޯދަން އޭސީސީން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭސީސީގެ ރައީސް އާދަމް ޝާމިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 124 މިލިއަން ހޯދަން އެކި އިދާރާތަކަށް އަންގާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބުނެފި އެވެ.

Ads by STELCO

އޭސީސީން މިރޭ ބުނީ ފުލުހުންނާއި އެ އިދާރާ ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން މި ވަގުތު 137 މައްސަލައެއްގެ ތަހުގީގު ހިނގަމުންދާ ކަމަށެވެ.

އަދި އޭގެ ތެރެއިން 161 މައްސަލަ އޮތީ ތަހުގީގުކޮށް ނިންމައި ގޮތް ނިންމުމުގެ މަރުހަލާގައިކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިޔަށްދާކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,7 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކޮމިޝަންއިން ކަމާ ގުޅުންހުރި ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ދައުލަތުން 1.22 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން ގިނަ ފައިސާ މީހުންނަށް ދީފައިވަނީ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށެވެ.

މިމައްސަލައިގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ހިމެނުނު ނަމަވެސް މައްސަލަ ބަލައި ހުކުމް ކޮށްފައިވަނީ މަދު ފަރާތަކަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ ކޯޓުން ހުކުމް ކޮށްފަ އެވެ.

އޭގެ ތެރެއިން ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒުކޮށްފައި ވަނިކޮށް ރައީސް ޔާމީންއަށް އިއްވި ހުކުމް ކޯޓުން ވަނީ ފަހުން ބާތިލުކޮށް މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަން ނިމެން އުޅެނިކޮށް އަދީބުއަށް މާފު ދެއްވައިފަ އެވެ.