ޚަބަރު

އައްޑޫގެ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު--

އައްޑޫ ސިޓީގެ ރަށްރަށުގައި ވަކިވަކި ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހުތިޔާރުގައި ވަކި ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

"ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓުން ނިންމީ އޮކްޓޯބަރު 24 ނުވަތަ 25 ގައި އެ ވޯޓު ނެގުމަށެވެ.

 

އެ ގޮތުން ވޯޓުލާނީ އައްޑޫ ފޭދޫ، އައްޑޫ މީދޫ، އަދި އައްޑޫ ހުޅުދޫގައި ކައުންސިލެއް ހެދުމަށް އެ ރަށުގެ ރައްޔިތުން ފެނޭތޯ އެވެ.

އަދި އައްޑޫ ހުޅުދޫ އާއި މީދޫގައި ހުޅުމީދޫ ނަމުގައި އެއް ރަށު ކައުންސިލެއް ހެދުމަށް ފެނޭތޯ ބެލުމަށް ވެސް ނިންމާފައިވެ އެވެ.

ރައީސް އޮފީހުގެ ލިޔުމުގައި އައްޑޫ މަރަދޫ، މަރަދޫފޭދޫ، އަދި ހިތަދޫގެ ވާހަކައެއް ނެތެވެ. ރައީސްގެ ޕޯސްޓްގައި ވެސް ނެތެވެ.

އެ ރަށްރަށުގައި ވޯޓު ނުނަގަނީތޯ ނުވަތަ ފަހުގެ ތާރީހެއްގައި ނަގަނީތޯ އަދި ސާފެއް ނުވެ އެވެ.

އައްޑު އަތޮޅު މި ވަގުތު ހިންގަނީ މި ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް އެއް ސިޓީ ކައުންސިލަކުންނެވެ.

ރައީސް މި ވޯޓު އިއުލާންކުރެއްވި ފުރަތަމަ ދުވަހު ފާހަގަކުރެއްވި ގޮތުގައި ހިތަދޫގައި 10,000 އަށް ވުރެ ބޮޑު އަބާދީއެއް އޮންނާތީ އެ ރަށުގައި ވަކި ސިޓީ ކައުންސިލެއް ވެސް ހެދޭނެ ކަމަށެވެ.