ޚަބަރު

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު--

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު އެކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، މިއަހަރުގެ ޝިއާރު ކަމަށްވާ "އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިއާރުގެ މައްޗަށް ބައްލަވާލައްވާފައި ވެއެވެ.

އެގޮތުން، ދެމިގެންދާ އިންސާނީ ކާރިސާތަކާއި އެފަދަ ހާލަތްތަކުގައި ދިރިއުޅުން ވޭތުކުރަމުންދާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްނުކުރެވޭކަން ފާހަގަކުރައްވައި، އެކަމާމެދު ހިތާމަފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަލަސްރީނުގެ ރައްޔިތުންނަކީ އެފަދަ ހާލަތެއްގެ މިސާލު ކަމަށެވެ.

އަދި، މިފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަނީ ހަމައެކަނި މާއްދީ ގެއްލުން ނޫންކަމަށާއި، އަންދާޒާނުކުރެވޭ ވަރުގެ ނަފްސާނީ ގެެއްލުން އެފަރާތްތަކުން ތަހައްމަލުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގުގެ މައިގަނޑު އަސާސެއްކަމަށާއި އަދި އެއީ ވިލުންތެރި އިންސާނީ، އާއިލާތަކާއި، މުޖުތަމައުތައް ބިނާކުރުމުގެ ބިންގާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅު ކުރައްވާނޭކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ.

އެގޮތުން، މެންޓަލް ހެލްތު ގާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ހިދުމަތް އިމަޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި، މޫސުމީ، ސިއްހީ އަދި އިންސާނީ ކާރިސާތަކުގައި އަމަލުކުރާ އިމަޖެންސީ ރެސްޕޮންސްތަކުގައި ނަފްސާނީ ފަރުވާވެސް ހިމެނުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.

އަދި، ދިވެހިންގެ ވިލުންތެރިކަމާއި، އުންމީދާއި، ހިތްވަރު އިތުރަށް ވަރުގަދަކުރުމުގައި ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ސަރުކާރުން ގުޅިގެން މަސައްކަތްކުރަމުންދާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައި ވެއެވެ.