މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާން ހޮސްޕިޓަލުން ދޫކޮށްލައިފި

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މުޒާހަރާގެ ތެރެއިން ރަސްލާންއަށް ހާޓް އެޓޭކެެއް ޖެހުމުން އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އޭރު އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ވެސް އެމްޑީޕީން އޭރު ބުންޏެވެ.
ނަމަވެސް ރަސްލާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ ގެއަށް ދޫކޮށްލިކަމަށް ހާމަ ކުރައްވައި އޭނާ ހޮސްޕިޓަލުގައި އޮތްއިރު އެހީތެރިވެދިން ހުރިހާ އެންމެނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
ރަސްލާންއަށް ހާޓް އެޓޭކެއް ޖެހުނީ މުޒާހަރާ ކޮންޓްރޯލް ކުރަން ސޮނިކް ވެޕަން ބޭނުންކޮށްފައި ވަނިކޮށެވެ. ނަމަވެސް ރަސްލާންއަށް ހާޓް އެޓޭކް ޖެހުމާ އެ ވެޕަންއާ ގުޅުމެއް ނެތް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
ސޮނިކް ވެޕަން ބޭނުން ކުރި މައްސަލަ ހޫނުވެފައިވާ އިރު ސަރުކާރުން ބުނީ އެ ވެޕަން ކުރިން ވެސް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ އިރު އެމްޑީޕީން ވަނީ ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.
