ޚަބަރު

މި އަހަރު މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައި ކުރިމަތިލާން ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް

މި އަހަރުތެރޭ 12،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށައި ކުރިމަތިލާން ހުޅުވާލަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފި އެވެ.

Ads by STELCO

އެކަން އިއުލާންކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 12،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަހައްދުގައި ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭފައި ހިމެނެނީ ބޭންކް ފައިނޭންސިންގެ ތެރެއިން އިމާރާތްކުރެވޭ 3000 ހައުސިން ޔުނިޓާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިމާރާތްކުރެވޭ 4000 ހައުސިން ޔުނިޓާއި އަދި ދައުލަތުން ބިން ދީގެން ޕްރައިވެޓް ޑިވޮލޮޕަރުން ފުރަތަމަ ގެ ގަންނަ ފަރާތްތަކަށް ވިއްކާ ގޮތަށް އިމާރާތްކުރާ 5000 ހައުސިން ޔުނިޓްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ލޯނު ނަގައިގެން ވީހާވެސް ބާޑަންކުޑަކޮށްގެން އަޅުގަނޑުމެން ގަބޫލުކުރަނީ މާލެ ސަރަހައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށް" އޭނާ ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން ކްރޮސް ސަބްސިޑީ އުސޫލުން ރަށްރަށުގައި ގެ އެޅުމަށް ވެސް އެއް ޕްރޮޕޯސަލް މިވަގުތު ލިބިފައި އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އުސޫލުތަކެއް ހަދާފައި އެއީ ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފަ ކޮމެންޓްކުރުމަށް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމި މި އަހަރުގެ ތެރޭގައި ގޯއްޗަށާއި ފްލެޓަށް އެޕްލައިކުރުމަށް ހުޅުވާލެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo