ޚަބަރު

ދެ އަހަރާ ބައިން ބިލެތްފަހި އެއާޕޯޓު ނިންމައި ހުޅުވާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދެ އަހަރާ ބައިން ށ. ބިލެތްފަހީގައި ތަރައްގީކުރާ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މުއިއްޒު ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގަތުމާއެކު ހަފްލާއެއް ބާއްވައި އެ ރަށުގައި އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށް އެކަމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށައިފަ އެވެ.

ރައީސް މިރޭ ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ އެއްވެސް މަޑުޖެހުމެއް ނެތި އެެއާޕޯޓް ނިންމައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެގޮތުން ގިނަވަގެން އަށް މަސް ތެރޭ ބިންހިއްކުމުގެ މަސައްކަތް ނިންމާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއާޕޯޓްގެ ރަންވޭއާއި މަސައްކަތް ހިމެނޭހެން މުޅި މަޝްރޫއު މިއަދުން ފެށިގެން ގިނަ ވެގެން ދެ އަހަރާއި ބައި، 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ހުޅުވާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބިލެތްފަހީގައި އަޅާނީ 1500 މީޓަރުގެ ރަންވޭއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބިލެތްފަހީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށާއި އެ ސަރަހައްދުގެ ތަރައްގީއަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އެއާއެކު ބިލެތްފަހީގެ ތަރައްގީއަށް އަންނަ ބަދަލުތައް އަންދާޒާކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ނިންމިއިރު ށ. އަތޮޅުގެ އިރުމައްޗަށް އޮންނަ ފުނަދޫގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. ބިލެތްފަހި އޮންނަނީ ށ. އަތޮޅުގެ ހުޅަނގަށެވެ.

ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން  ރާއްޖޭގެ އެކި ރަށްރަށުން ދަތުރުކުރާއިރު ދަތުރުކުރާ ރަށާއި 30 މިނެޓް ކައިރީގައި އެއާޕޯޓެއް ހުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

Ads by Allied Insurance