ޚަބަރު

ށ. އަތޮޅުގައި ތިން ވަނަ އެއާޕޯޓެއް އަޅަން ހަވާލުކޮށް ބިން ހިއްކަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮމަންޑޫގައި އެއާޕޯޓެއް އަޅަން އެމްއޭސީއެލްއާ ހަވާލުކުރުން--

ށ. އަތޮޅުގައި ތިން ވަނަ އެއާޕޯޓެއް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންޑޫއަށް މިއަދު ވަޑައިގަތުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެ ރަށުގައި އެއާޕޯޓެއް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ކޮމަންޑޫގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށައިފަ އެވެ.

ކޮމަންޑޫގައި އެއާޕޯޓެއް އަޅަން ހަވާލުކުރި އިރު ށ. އަތޮޅުގެ އިރުމައްޗަށް އޮންނަ ފުނަދޫގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. އަދި އިއްޔެ ވަނީ އެ އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ހަވާލުކޮށް  ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ.

އޭގެ އިތުރުން ފުނަދޫއާ ވަރަށް ކައިރީގައި އޮންނަ ށ. މިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެ އެއާޕޯޓް އަޅަން އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ.

ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން  ރާއްޖޭގެ އެކި ރަށްރަށުން ދަތުރުކުރާއިރު ދަތުރުކުރާ ރަށާއި 30 މިނެޓް ކައިރީގައި އެއާޕޯޓެއް ހުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

 

Ads by Allied Insurance