ށ. އަތޮޅުގައި ތަރައްގީކުރާ ހަތަރުވަނަ އެއާޕޯޓު މިލަންދޫގައި އަޅަން ބިން ހިއްކަން ފަށައިފި

ށ. އަތޮޅުގައި ތަރައްގީކުރާ ހަތަރުވަނަ އެއާޕޯޓު، އެ އަތޮޅުގެ މިލަންދޫގައި އަޅަން ބިން ހިއްކުމުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ށ. އަތޮޅުގެ ވެރިކަން ކުރާ ފުނަދޫގައި މިހާރުވެސް އެއާޕޯޓެއް އޮވެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މި ހަފްތާ ފެއްޓެވި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ ބިލެތްފަހި އަދި ކޮމަންޑޫގައި އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށް ދެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.
އަދި ރައީސް މުއިއްޒު މިލަންދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ މިލަންދޫ އެއާޕޯޓް އަޅަން ބިން ހިއްކައި އެތަން ތަރައްގީކުރަން ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.
ރައީސް މުއިއްޒު މިއަދު މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެރަށުގެ އެއާޕޯޓް ތަރައްގީކުރަން 40 ހެކްޓަރުގެ ބިންހިއްކާނެ ކަމަށާއި އަދި އަށް މަސް ދުވަހުގެ ތެރޭގައި އެކަން ނިމޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިލަންދޫ އެއާޕޯޓު ތަރައްގީކުރެވެން އޮތީ އެ ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށާއި އެހެންވެ މިހާރު އެ ރަށުގައި އޮތް ބަނދަރަށް ވުރެ ފެންވަރު ރަނގަޅު ބަނދަރެއް ވެސް ތަރައްގީކޮށްދެއްވާނެ ކަަމަށެވެ.
އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
