ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް ހާއްސަ އިސްކަމެއް ދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފުނަދޫގައި ވާހަކަ ދައްކަވަނީ--

އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރަނގަޅު ތައުލީމީ ނިޒާމެއް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދެވޭ ފެންވަރަކަށް ތައުލީމީ ކަންކަން ހަމަޖައްސައިދެވިފައި ނެތް ކަމަށެވެ.

އަދި ތައުލީމީ ދާއިރާގައި "އިންކްލޫސިވިޓީ" ނުވަތަ އެންމެންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދެވިފައިނުވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާފަދަ ސަމާލުކަން ދެވޭ ފަދަ ފުރިހަމަ ތައުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރަނގަޅު ތައުލީމީ ނިޒާމެއް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނިޒާމު ގާއިމުކޮށްދޭން. ބަޖެޓުގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ނިސްބަތުން މި ދެންނެވި ގޮތަށް ހާއްސަ އެހީ ބޭނުންވާނެ ހުރިހާ ގޮތަކުން ކޮންމެ ގޮތަކަށް ބެލިކަމުގައިވީ ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާނެ ކުދިންނަށް ގައުލީމު ފުރިހަމައަށް ދެވޭނެ ގޮތް އެ އިންކްލޫސިވިޓީ ގެނެވޭނެ ގޮތަށް ކްލާސްރޫމް ގާއިމުކޮށްދިނުމާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީންކޮށްދިނުމާއި މިކަންކަން ކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން ބަޖެޓުގައި އެބަ ހިމަނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް މުހިންމު ހަމަހަމަ ރައްޔިތެއް ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ކިބައިގައި ތަފާތުކަމެއް ނުވަތަ އުނި ސިފައެއް ހުރުމަކީ ތަފާތުކުރެވިގެންވާނެ ސިފައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo