ފެނާއި ނަރުދަމާ ނިޒާމަށް ދިމާވާ ނުރައްކާތައް ކުޑަކުރަން އާ ގައިޑުބުކްތަކާއި ރިޕޯޓު ފޯމެޓުތަކެއް ތައާރަފްކޮށްފި

ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމަށް ދިމާވާ ނުރައްކާތައް ކުޑަކުރަން އާ ގައިޑުބުކްތަކާއި ރިޕޯޓު ފޯމެޓުތަކެއް އެންވަރަޔަރަމަންޓް މިނިސްޓްރީން މިއަދު ތައާރަފްކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންގެންދާ ކައުންސިލްތަކާއި އިދާރާތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ގައިޑުބުކްތަކާއި ރިޕޯޓު ފޯމެޓުތަކެއް ކަމަށެވެ.
އެގޮތުން އެ ގައިޑްބުކްތަކާއި ރިޕޯޓު ފޯމެޓުތަކުގެ އެހީގައި، ފެނާއި ނަރުދަމާގެ މުހިންމު ނިޒާމުތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެ ނުރައްކާތައް ބެލެހެއްޓުމަށާއި، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ތިމާވެށީގެ ހާލަތާއި، ގުދުރަތީ ކާރިސާތަކުގެ ސަބަބުން އެފަދަ ނިޒާމުތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވާއިރު، އެ ގައިޑްބުކްތަކުން އެފަދަ ހާލަތްތަކުން ސަލާމަތްވުމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
ހާއްސަކޮށް، ރަށްރަށުގެ ކައުންސިލްތަކާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުނިތަކަށް އެ ތަކެތި ފޯރުކޮށްދިނުމުން، އެބޭފުޅުންނަށް ފަސޭހައިން ތިމާގެ ނިޒާމުތައް ވަޒަންކޮށް، ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރެވޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިކަމުގެ ސަބަބުން ރައްޔިތުންނަށް ދެމުންގެންދާ ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުނުކެނޑި، ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިނިސްޓްރީން މިކަމަށް ބާރުއަޅަނީ، ސާފު ބޯފެނާއި ސާފުތާހިރު ނަރުދަމާގެ ނިޒާމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށްވާތީ އެވެ." މިނިސްޓްރީން ބުންޏެވެ.
