ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާންކުރެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިއަދު އަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ.
އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލ. އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވައުދެއްކަމުގައިވާ، ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫން ކަމަށެވެ. އަދި އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަގީންކަން ރައީސް އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުހަލާތައް މިއަދު ފައްޓަވައިވެސް ދެއްވާފައެވެ.
އެގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާ ދެއްވި އެވެ.
އޭގެ އިތުރުން ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއު ވެސް އިފުތިތާހުކޮށްދެއްވި އެވެ.
އޭގެ އިތުރުން، ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
