ޚަބަރު

ރައީސް ފޮނުއްވާ ބިލެއް ފާސްކުރުމުގައި މަޑު ޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު ފޮނަދުއަށް ވަޑައިގަތުމުން އަބްދުއްރަހީމް މަރުހަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި މަޑު ޖެހުމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގައި އޭނާ ތަމްސީލްކުރައްވާ އަދި އުފަން ރަށް ފޮނަދުއަށް ރައީސް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.

އަބްދުއްރަހިމް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި، ބުރަކޮށް އުޅުއްވާ އުޅުއްވުމުން ވެސް ރައީސް ގައުމަށް ހިދުމަތް ކުރެއްވުމުގައި ހުންނެވި ޖޯޝާއި ލޯބި އަދި ފަންވަރު ފެނިގެންދާ ކަމަށެވެ.

ރައީސް މުއިއްޒުގެ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ އެ ޔަގީންކަން ރައްޔިތުންނަށް ވެސް އޮތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނީ ރައްޔިތުންނާއި ގައުމަށް މަންފާއާއި ލާބަ ހުންނާނެ ބިލުތައް ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މަނިކުފާނު ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ އޮތް ބިލެއްކަން އަޅުގަނޑުމެންނަށް ޔަގީން. އެހެންވީމާ އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ," އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ވެސް އޮތީމަ ދަންނަވާލަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ ކުޑަކޮށް ފަސްޖެހުމެއް ވެސް ނޯންނާނެ,"

މިކަމާ އިދިކޮޅު ފަރާތްތަކުން ކިތަންމެ ފާޑުކިޔަސް ރައްޔިތުންގެ އަގުލަބިއްޔަތު އޮތީ ޕީއެންސީއަށް ކަމަށާއި އަގުލަބިއްޔަތުން ނިންމުން މައިނޯރިޓީން ޖެހޭނީ ތަބާވާން ކަމަށް ވެސް އަބްދުއްރަހިމް ވިދާޅުވި އެވެ.

"އެއީ ޑިމޮކްރެސީ އަކީ," އަބްދުއްރަހީމް ވިދާޅުވި އެވެ.

Ads by Ooredoo