ހައްޖަށް ނުދެވޭ ސިއްހީ ހާލަތްތަކުގެ ތަފްސީލު އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި

ހައްޖަށް ނުދެވޭ ސިއްހީ ހާލަތްތަކުގެ ތަފްސީލު އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިންގެ ކިބައިގައި ސިއްހީގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތައް ހިމެނޭ ސާކިއުލާއެއް ސައުދީގެ ހައްޖު މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ސާކިއުލާއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށްދާ މީހާއަކީ ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހަކަށް ވާން ޖެހޭނެ ކަމަށާއި އެކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ރެގިއުލޭޓް ކުރާ ސިއްހީ މަރުކަޒުތަކުން އަސްލާ އެއްގޮތްކަން އަންގައިދޭ ގޮތަށް ތައްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި ވަކި ބަލިތަކެއް ތަހައްމަލުކުރާ މީހުންނަށް ހައްޖަށް ނުދެވޭނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ
- އަސާސީ ގުނަވަނެއް ފެއިލްވެފައިވާ ފަރާތަކަށް ނުވުން. އޭގެ ތެރޭގައި ހާޓް ފެއިލްވެފައިވާ ފަރާތަކަށް ނުވުމާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ދާއިމީ ގޮތެއްގައި އޮކްސިޖަން ގުޅައިގެން އުޅެންޖެހޭ ފަރާތަކަށް ނުވުމާއި ފުރަމޭގެ ސެރޯސިސް ތަހައްމަލުކުރާ ފަރާތަކަށް ނުވުމާއި އަދި ކިޑްނީ ފެއިލްވުމުގެ ސަބަބުން ޑައިލެސިސް ހަދަމުންދާ ފަރާތަކަށް ނުވުން.
- ނާރުގެ ނުވަތަ ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތަކަށް ނުވުން. އެގޮތުން ނާރުގެ ނުވަތަ ނަފްސާނީ ބަލީގެ ސަބަބުން މީހާގެ ވިސްނުމަށް ނުވަތަ ބުއްދިއަށް އަސަރުކުރާ ނުވަތަ އޭގެ ސަބަބުން ރަނގަޅަށް ހިނގާ ބިނގާވެ ނޫޅެވޭ ފަރާތަކަށް ނުވުން.
- ޑިމެންޝިއާ ބަލި ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަކަށް ނުވުން.
- މާބަނޑުވުމުގެ އެންމެ ފަހު ތިން މަސް ގުނަމުންދާ އަދި މާބަނޑުވުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ރިސްކު އޮތް މީހަކު ކަމުގައި ނުވުން
- ކީމޯ ތެރެޕީ ނުވަތަ ބަޔަލޮޖިކަލް ތެރެޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހަކަށް ނުވުން.
- އާންމު ސިއްހަތަށް އަސަރުކުރާ ޖަރާސީމުތަކުން ޖެހޭ (ޓީބީއާއި ހެމެރޭޖު ހުން) ފަދަ ބަލިތައް ތަހައްމަލިކުރަމުންދާ މީހަކަށް ނުވުން.
