ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަގުތައް ހަދަން ޑިޒަން މަރުހަލާ ފަށަން ޗައިނާއާއެކު ސޮއިކުރުން--

މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކޮންގް ޝެންހުއާ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށަނީ މަގުތައް ހަދަން ޑިޒައިންކުރުމުގެ މަރުހަލާ ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސަވައިފަ އެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެ އެވެ.

މި މަޝްރޫއު ކުރިއަށްގެންދާނީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވާގޮތައް ކަމަށް ކޮންސްޓަރްކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސްޓޯމްވޯޓާ މެނޭޖްމެންޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައަަކަށްވާ އިރު އެއްވެސް ސަރުކާރަކަށް އެ މައްސަަލަ ހައްލުކުރެވިފައެއް ނުވެއެވެ.

Ads by Allied Insurance