ޚަބަރު

އެލައިޑް ބައިސްކަލު ރޭސް މި މަހުގެ 25 ގައި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް 40 އަހަރު ފުރޭ އަހަރު ކަމުން، މުޅި އަހަރު ތެރޭގައި އެލައިޑުން ގެންދަނީ އިޖުތިމާޢީ ގުޅުން އާލާކުރުމުގެ މަޤްސަދުގައި ޚާއްސަ އަދި ތަފާތު ޙަރަކާތްތަކެއް ހިންގަމުންނެވެ. މާލެއާއި އެކި ރަށްރަށުގައި މިހާރު ވެސް ޝައުޤުވެރި ޙަރަކާތްތަކެއް ބާއްވައިފިއެވެ. މިފަހަރު، މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް މި ސިލްސިލާގެ އިތުރު ޙަރަކާތެއް އެބަ އޮތެވެ.

އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި އޮންނަނީ "އެލައިޑް ބައިސްކަލު ރޭސް"އެވެ. މިއީ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ އިތުރުން، ތިމާވެއްޓާ ރަޙުމަތްތެރިކޮށް ދިރިއުޅުން ބައްޓަންކުރުމަށް އެލައިޑުން ހިނގާ ސީއެސްއާރު އިނީޝިއޭޓިވް "ގްރީން ފޯރ ގުޑް"ގެ މަޤްސަދުތައް ވެސް ހާޞިލުވާނެ ހަރަކާތެކެވެ.

އެލައިޑް ބައިސްކަލު ރޭސް ކުރިއަށްދާނީ އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައެވެ. އަދި ބައިވެރިން ރޭސްފެއްޓުމަށް އެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޓެމްޕަރަރީ ޕާކަށެވެ. އެލައިޑުން މި ބައިސްކަލު ރޭސް ބާއްވަނީ ބައިސްކަލު ދުއްވުމުގެ ތެރެއިން ހަށިހެޔޮކަން ޕްރޮމޯޓުކުރާ ޖަމިއްޔާ، ބައިކް މޯލްޑިވްސް އާ ގުޅިގެންނެވެ.

ތިން އުމުރުފުރާއަކަށް ކުރިއަށްދާ މި ބައިސްކަލު ރޭސް ކަނޑައެޅިފައިވާ ގަޑީގެ ތެރޭގައި ނިންމާ ހުރިހާ ފަރާތަކަށް މެޑަލް ލިބޭނެއެވެ. އަދި ކަނޑއެޅިފައިވާ ވަގުތުގެ ތެރޭގައި ނިންމާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް ފައިސާގެ އިނާމެއް ހުށަހަޅާފައި ވެއެވެ. ކޮންމެ އުމުރު ފުރައަކުންވެސް ނަސީބުވެރި އެއް ފަރާތެއް ހޯވާލެވޭނެއެވެ. މިގޮތުން:

  1. 5-10 އަހަރާ ދެމެދުގެ އުމުރުފުރާއަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް
  2. 11-20 އަހަރާ ދެމެދުގެ އުމުރުފުރާއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް
  3. 21 އަހަރުން މަތީގެ އުމުރުފުރާއަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް.

އެލައިޑުން ބުނި ގޮތުގައި، ބައިސްކަލު ރޭހުގައި ބައިވެރިވެވޭނީ އަމިއްލަ ބައިސްކަލެއް އޮންނަ ފަރާތްތަކަށް އެކަންޏެވެ. ރޭހުގައި ބައިވެރިވުމަށް ހުޅުމާލެ ޓެމްޕޮރަރީ ޕާކަށް ދާން ޖެހޭނީ އަމިއްލަ ބައިސްކަލު ހިފައިންނެވެ. ރޭސް ވެނިއު ކަމުގައިވާ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ޓެމްޕޮރަރީ ޕާކުގައި ހުންނަ ރެޖިސްޓްރޭޝަން ޑެސްކަށް މިދުވަހުގެ 6.15އަށް ހުރިހާ ބައިވެރިން ހާޒިރުވާން އެލައިޑުންވަނީ އަންގާފައެވެ.

އެލައިޑް ބައިސްކަލު ރޭހުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިސްކަލު ދުއްވާ ރޫޓުގެ ޓްރެފިކް ބަލަހައްޓާނެއެވެ. އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުން ވެސް އެތަނުގައި ތިބެ، ދިމާވެދާނެ ޞިއްޙީ ކަންކަމަށް އިޖާބަދިނުމަށް ތައްޔާރަށް ތިބޭނެއެވެ. ހުރިހާ ބައިވެރިންނަށް ވެސް ރައްކާތެރި އަދި އޮމާން ތަޖުރިބާއެއް ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ދެއްވާ އެހީތެރިކަމަށްޓަކައި އެލައިޑް އިންޝުއަރެންސްއިން ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.

މީގެ އިތުރުން ރޭސް އޮންނަ ދުވަހު ރޭސް ވެނިއުގައި ފުޑް ވެންޑާސް ވެސް ހަރަކާތްތެރިވާނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ. އެހެންކަމުން ޢާއިލާގެ ނުވަތަ ރަޙުމަތްތެރި އެންމެ މީހަކު ރޭހުގައި ބައިވެރިވިޔަސް އޭނާއަށް ސަޕޯޓުކޮށްލައި، އަދި ޢާއިލާއާއެކު އުފާވެރި ހެނދުނެއް ހޭދަކޮށްލުމަށް މިއީ ރަނގަޅު މާޙައުލަކަށް ވާނެކަން ޔަޤީނެވެ.

އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އަކީ އެކިއެކި މުޖުތަމަޢުތައް އެއްތަން ކުރުވައި، އިޖުތިމާޢީ އުފާވެރި އަދި ޢާއިލީ މާޙައުލުތަކެއް އުފެއްދުމަށް އިސްކަންދޭ ކުންފުންޏެކެވެ. އެލައިޑުން 2023 ވަނަ އަހަރު މާލޭގައި ބާއްވަން ފެށި "އެލައިޑް ފެސްޓް" ޢާއިލީ ހަވީރު، މި އަހަރު ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގައި ބާއްވައި، އެ ތަންތަނަށް ވެސް އުފާވެރި ތަޖުރިބާތަކެއް ގެނެސްދިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!