ޚަބަރު

މި ދައުރު ނައިފަރުގައި 800 ހައުސިން ޔުނިޓް އަޅަން ފަށާނަން: ރައީސް 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން--

މި ދައުރުގައި ޅ. ނައިފަރުގައި 800 ހައުސިން ޔުނިޓް އަޅަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދެ އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ނައިފަރު ފަދަ ރަށްތަކަށް ބޯހިޔާވަހިކަމަކީ އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅައިދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ އިރު 300 ހައުސިން ޔުނިޓް އަޅަން މިރޭ އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ބާކީ 100 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށެވެ.

އެ 400 ހައުސިން ޔުނިޓްގެ އިތުރުން އިތުރު ހައުސިން ޔުނިޓްތައް ވެސް ނައިފަރު ގައި އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"2027ގެ ތެރޭގައި އިތުރު 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށާނަން. އެހެންވީމާ ޖުމްލަ 800 ހައުސިން ޔުނިޓް އިރާދަކުރެއްވިއްޔާ މި ރަށުގައި މި ދައުުރުގައި އެޅޭނެ." ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހައުސިން ޔުނިޓް މި ދައުރުގެ ތެރޭގައި ނިމެނޭކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނައިފަރުގައި 800 ހައުސިން ޔުނިޓް އަޅާއިރު އެ ރަށަކީ އާބަން ސެންޓަރުތައް ގާއިމުކުރަން މި ސަރުކާރުން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ވެސް މެ އެވެެ.

Ads by Ooredoo