އައިޔޫއެމްއިން މާސްޓަރސް ކިޔަވާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރސް ކިޔަވާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްތަކެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިޔޫއެމްއިން މާސްޓަރސް ކިޔަވާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވައިލައިފައި ވަނީ ޚާއްޞަ 3 ދާއިރާއަކުންނެވެ. އެއީ:
- މާސްޓަރސް އޮފް ފިޤްހް
- މާސްޓަރސް އޮފް އާރޓްސް އިން ޤުރުއާނިކް ސައިންސް
- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
މައުމޫން ފައުންޑޭޝަނުން ބުނެފައި ވަނީ މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައިޔޫއެމްއިން ކަމަށެވެ. އެހެން ނަމަވެސް ސްކޮލަރޝިޕްތަކަށް ޚަރަދު ކުރުމުގެ ކަންކަން ކުރާނީ މައުމޫން ފައުންޑޭޝަނުންނެވެ.
މައުމޫން ފައުންޑޭޝަނުން ދަނީ ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އަދަބީ އެކި ހަރަކާތްތައް ހިންގަމުންނެވެ.
