ބީއެމްއެލްއިން އިސްލާމީ އުޞޫލުން އިންވެސްޓް ކުރުމަކީ ޤައުމަށް ކޮށްދޭ އަގުހުރި ޚިދުމަތެއް. ޑރ. ޝަހީމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިސްލާމީ އުޞޫލުން އިންވެސްޓް ކުރުމަކީ ޤައުމަށް ކޮށްދޭ އަގުހުރި ޚިދުމަތެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޤުފް ދާއިރާއަށް އިންވެސްޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ އެކު އިސްލާމިކް މިނިސްޓްރީން ފަހުމުނާއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ބީއެމްއެލްއިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ ޤައުމަށް ކޮށްދޭ އަގުހުރި ޚިދުމަތެއްކަމަށާއި ވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.
"މިހާރު ޤާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް. ރާއްޖޭގައި އެބަހުރި އެތައް ސަތޭކަ މިސްކިތްތައް މި މިސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން. މީގެ އެހެން ދާއިރާތައް ހޯދަން އެބަޖެހޭ ފައިސާ ހޯދުމަށް ޓަކައި. މާލޭގައި ޤާއިމްކުރާ މި ފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ." މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވަޤުފް މަޝްރޫޢުތައް ފެށުން ލަސްވެފައި ވަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުން ފަސްވެފައިވާތީ ކަމަށެވެ. ނަމަވެސް ބީއެމްއެލްއާ އެކު ވެވުނު އެއްބަސްވުމާ އެކު މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި މަޝްރޫޢުތައް ނިންމާލުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ،
ވަޤުފް މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. މިގޮތުން މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފަށާނެކަމަށް ވަނީ އިޢުލާންކުރައްވައިފައެވެ.

