އައްޑޫ ކަސްޓޯޑިއަލްއަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދަޢުވާ ކޮށްދޭން އެދިއްޖެ
އައްޑު އަތޮޅު ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދަޢުވާ ކޮށްދިނުމަށް އެދިފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވައިފައި ވަނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ މުޙައްމަދު ނައުފް ނަސީމުގެ މައްޗައްކަމަށާއި ފުލުހުންނަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ސެޕްޓެމްބަރު 4ވަނަ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި އޭނާގެ އަތުންފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ނައުފް 15 ދުވަހަށް ބަންދުކުރިކަމަށާއި ބަންދުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ދޫކޮށްލާފައިވާނެކަމަށް ފުލުހުން ބެފައިވެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ނައުފް މުޙައްމަދު މިހާރު ވާނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކުރެވިފަކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
