ޚަބަރު

އެއްވުން ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިރޭ އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން--

އެއްވެ އުޅުމުގެ މިނިވަންކަމާއި މުޒާހަރާކުރުން ހަނިކޮށްފައިވާ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

Ads by MPL

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ތާވަލުކޮށްފައި ވެސް ވެއެވެ.

މި ގާނޫނަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރު ވެސް އިދިކޮޅުގައި އެމްޑީޕީ އޮވެގެން ކުރަމުން ދިޔަ މުޒާހަރާތައް ހަލަބޮލިވެގެން 2013ގައި ވުޖޫދުކުރި ގާނޫނެކެވެ.

ގާނޫނު ވުޖޫދުކުރުމާއެކު މާލޭގެ ހަތް ސަރަހައްދެއްގައި މުޒާހަރާކުރުން މަނާވިއެވެ. އެއިން ބޮޑު ސަރަހައްދަކީ ގްރީން ޒޯން ކަމަށް ކިޔާ، ބަންޑާރަ ކޮށި، ރައީސް އޮފީސް، ޖުމްހޫރީ މައިދާން، މުލިއާގެ ހިމެނޭ ސަރަހައްދެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ނޫނީ މާލޭގައި އެއްވާން ފުލުހުންގެ ހުއްދަ ކުރިއާލާ ހޯދަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެނައެވެ. އެއީ އޭރު ސަރުކާރު ހިންގާ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހެކެވެ.

2016ވަނަ އަހަރު ގެނައި އެ އިސްލާހު އުވާލުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމުގެ ފަސް އަހަރު، އެމަނިކުފާނުގެ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ ނިންމާލީ އެ ވައުދު ނުފުއްދައެވެ.

މިއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. މި ވައުދު އޮތް ގޮތުގައި އޮވެމެ، އެންމެ ފަހުން މިދިޔަ މަހު ތިންވަނަ ދުވަހު އެމްޑީޕީން ފުލުހުން ދިން އިރުޝާދާ ހިލާފަށް އަމީނީމަގުގެ ބަދަލުގައި މަޖީދީ މަގުން މުޒާހަރާ ގެންދަން އުޅުމުން ހުރަސް އަޅާފައިވެއެވެ.

މި ގާނޫނު އުވާލުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި އިރު މި މަހުގެ 17 ވަނަ ދުވަހު، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީން ރާވާފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!