މަސްވެރިކަމުގެ ލައިސެންސަށް އެދޭނީ "ކެޔޮޅު ވެބް-ޕޯޓަލް" މެދުވެރިކޮށް
                                                        މަސްވެރިކަމުގެ ލައިސެންސަށް އެދި ހުށަހެޅޭނީ ކެޔޮޅު ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސެންސަށް އެދި ހުށަހަޅާ ފޯމްތައް އެ ވުޒާރާއިން ބަލައިގަންނާނީ ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށާއި މިއީ އެ ވުޒާރާއިންދޭ ޚިދުމަތްތައް ޑިޒިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެއްކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ލައިސެންސްތައް އައު ކުރުމަށް ހުށަހަޅާ ފޯމްތައް 23 ނޮވެމްބަރުން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށާއި ޕޯޓަލްއަށް ލޮގިން ކުރުމަށް އެ ފަރާތެއްގެ އީފާސް އެކައުންޓް ބޭނުން ކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.
އަދި ކަށި މިޔަރު މަސްވެރިކަމުގެ ލައިސެންސަށް އެދި ހަށަހަޅާ ފޯމްތައް ވެސް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
 
 
 
            
                    
            
                    
            
                    
            
                    