އޮކްޓޯބަރު މަހު ފުލުހުންނަށް 808 މައްސަލައެއް
ފާއިތުވި އޮކްޓޯބަރު މަހު ފުލުހުންނަށް 808 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުންގެ ރިޕޯޓްތަކުން ދައްކާ ގޮތުން ފާއިތުވި އޮކްޓޯބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ.
އެހެން ނަމަވެސް އޮކްޓޯބަރު މަހު ހުށަހެޅުނު މައްސަލަތައް ސެޕްޓެމްބަރު ހުށަޙެޅުނު މައްސަލަތަކަށް ވުރެ މަދުކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންނަށް ޖުމްލަ 1096 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އޮކްޓޯބަރު މަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަތައް:
- ވައްކަމުގެ 274 މައްސަލައެއް
- ޓްރެފިކް އެކްސިޑެންޓްގެ 209 މައްސަލައެއް
- މަސްތުވާތަކެއްޗާ ގުޅުންހުރި 123 މައްސަލައެއް
- އެއްޗެހި ގެއްލިގެން 72 މައްސަލައެއް
- މުދަލަށް ގެއްލުން ދިނުމުގެ 38 މައްސަލައެއް
- އަނިޔާގެ 33 މައްސަލައެއް
- ޖިންސީ ގޯނާގެ 20 މައްސަލައެއް
- ފޭރުމުގެ 10 މައްސަލައެއް
- ޚިޔާނާތުގެ 7 މައްސަލައެއް
- ފޯޖް ކުރުމުގެ 5 މައްސަލައެއް
- ޗެކް ބައުންސްގެ 2 މައްސަލައެއް
ފުލުހުން ބުނީ ކުށްތައް މަދު މުޖުތަމައުއެއް ޤާއިމުކުރުމަށް ފުލުހުންނާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި އަދި ކައުންސިލްތައް ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެެ. ހަމައެހެންމެ އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤަވައިދުތަކަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

