މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަންދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި
މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާގައި ދިވެހި ޒުވާނަކާއި ބަނގްލަދޭޝްގެ ޒުވާނަކު ނިޔާވުމާ ގުޅިގެން، އެ ދެ މަރުޙޫމުންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ މަސައްކަތުގެ ކޮންމެ މާޙައުލެއްގައި ވެސް މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.
އެ ހާދިސާގައި ނިޔާވި ދެ ޒުވާނުންކަމަށްވާ ޢަލީ އަފްލާޙް ޢަބްދުﷲއާއި މަސްޢޫދު ޙުސައިންއަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވުން އެދި ރައީސް ވަނީ ދުޢާ ކުރައްވައިފައެވެ.
ކޮޅުވެއްޓި ބަންޑުން ޖަހައިލި ޙާދިސާގެ އެތެރޭގެ ތަޙްޤީޤެއް ފަށައިގެން ކުރިއަށްގެންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ ބުނެފައެވެ.

