ޚަބަރު

ވަގަށް ތެޔޮ ވިއްކާތީ އެފްއެސްއެމްގެ ހުރިހާ ބާޖެއްގައި ސީސީޓީވީ ހަރުކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އެފްއެސްއެމްގެ ތެޔޮ ބާޖެއް --

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުން ވަގަށް ތެޔޮ ވިއްކާ މައްސަލަތައް ގިނަވެފައިވާތީ، ހުރިހާ ބާޖެއްގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.

Ads by MPL

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި، ބައެއް އުޅަނދުތަކުގައި އެކަން އިތުރުވެފައިވާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ފަދަ މައްސަލައެއްގައި، ވަރަށް ފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވައްކަން ކުރުން ހުއްޓުވައި، ބާޖުތަކުގައި ހިނގާ ކަންކަން ޓްރެކްކޮށް މޮނީޓާ ކުރުމުގެ ގޮތުން ހުރިހާ ބާޖެއްގައި ސީސީޓިވީ ކެމެރާ ހަރުކުރަން އިއްޔެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އާޝާން ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ޕައިލެޓް މަޝްރޫއު މިހާރު ނިމިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

"ސީސީޓީވީ ހަރުކުރީމާ އެއް މަސް ދުވަހުގެ ރެކޯޑިން އިންނާނެ އަޅުގަނޑުމެންނަށް ލިބެން. އަދި މޮޑެމް ހަރުކުރީމާ، އުޅަނދުގައި ހިނގާ ކަންކަން އަޅުގަނޑުމެންނަށް ލައިވްކޮށް ބަލާލެވޭނެ،" އާޝާން ވިދާޅުވިއެވެ.

ތެލުން ވައްކަންކޮށް، އެ ފައިސާ ލޯންޑާ ކުރި މައްސަލައެއްގައި މިދިޔަ އަހަރު ވަނީ އެފްއެސްއެމްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!