ޚަބަރު

ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ މިނިސްޓަރެއް ރާއްޖެ ވަޑައިގެންފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް ފޮރިން މިނިސްޓަރު ހަލީލް މަރުހަބާ ދަންނަވަނީ --

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

Ads by STELCO

މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާމް މޯހަން ރާއްޖެ ވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ރާމް މޯހަންގެ ދަތުރުފުޅާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލުތައް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރި 2400 މީޓަރުގެ ރަންވޭ ވަނީ ބޭނުން ކުރަން ފަށާފަ އެވެ.

އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.