އެހެން ގައުމުތަކުން ބޭނުންނުކޮށް ހުންނަ ހައްޖުކޯޓާ ރާއްޖެއަށް ލިބޭނެ ގޮތް ހަދަން މަޝްވަރާކޮށްފި
އެހެން ގައުމުތަކުން ބޭނުންނުކޮށް ހުންނަ ހައްޖުކޯޓާ ރާއްޖެއަށް ލިބޭނެގޮތް ހަދަން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންއެވެ.
ގައުމުތަކަށް ކަނޑައަޅައިފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާއެއް މިހާރަކު ނުދެއެވެ.
އެހެން ނަމަވެސް އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވްއިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު މަޝްވަރާ ކުރިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން މިއަދު ސޮއިކުރި ހައްޖު ހިދުމަތާ ބެހޭ އެއްބަސްވުމަކީ ކޮންމެ އަހަރަކު ވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ. އެގޮތުން ހައްޖުގެ ހިދުމަތަށް ފައިސާދައްކާނެ ގޮތާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމާއި އެފަދަ މުހިންމު ކަންކަން ބަޔާންކޮށްފައި އޮވެއެވެ.
