ޚަބަރު

ހަނިމާދޫ އެއާޕޯޓަކީ އެމްޑީޕީން ހޯދައިދިން ލާމަރުކަޒީ ކާމިޔާބީއެއް: ފައްޔާޒު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެމްޑީޕީގެ މިިދިޔަ ސަރުކާރުން ހޯދައިދިން ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރުމުގެ ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ, އިންޑިއާއިން ދިން ކްރެޑިޓް ލައިންގެ އެހީގެ ތެރެއިންނެވެ. އެ މަސައްކަތުގެ ގާތްގަނޑަކަށް 30 ޕަސެންޓް އޭރުގައި ކުރިއަށް ގެންދެވުނެވެ. ބާކީ މަސައްކަތުގެ 70 ޕަސެންޓްގެ ބޮޑު ބައެއް މި ސަރުކާރުން ނިންމައި މިއަދު ހުޅުވުމުގެ ރަސްމިއޔާތު ބޭއްވި އެވެ.

އެކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ލިއުއްވީ ހަނިމާދޫ އެއާޕޯޓަކީ އިގުތިސޯދީ ގޮތުން ފުދުންތެރި އަދި ދެމެހެއްޓެނިވި އުތުރުގެ ސަރަޙައްދަކަށް ހެދުމަށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ތަރައްގީއަށް އެޅުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

"މި ކާމިޔާބީ ލިބުނީ [ކުރީގެ] ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، އިކޮނޮމިކް މިނިސްޓްރީގެ ހުނަރުވެރި ޓީމާއި އިންޑިއާގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެއްބާރުލުމާއެކު," އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ވެސް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން، އެ މަޝްރޫއުގެ ދަށުން 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރި އެވެ.

Ads by Allied Insurance